ގޯ އެއާރގެ ނަމުގައި ކުރިން ހިންގުމަށް ފަހު ގޯ ފަސްޓުގެ ނަމުގައި ހިންގާ އެއާރލައިން ބަނގުރޫޓުވެފައިވާ ކަމަށް ނިންމައި އިއްޔެ ބޭންކްރަޕްސީ ފައިލްކޮށްފިއެވެ.
މާލީ ދަތިކަން ކުރިމަތިވެފައިވާ އިންޑިޔާގެ ގޯ ފަސްޓް އެއާރލައިނުން އިއްޔެ ބޭންކްރަޕްސީ ފައިލްކޮށްފައި ވަނީ އެ އެއާރލައިނުގެ ގިނަ ބޯޓުތަކުގެ އިންޖީނު މަރާމާތު ނުކުރެވި، ގްރައުންޑްކޮށްފައި އޮންނަތާ ދުވަސްތަކެއްވެފައި ވަނިކޮށެވެ.
ގޯ ފަސްޓުގެ ވެބްސައިޓުގައި ބުނެފައި ވަނީ އޮޕަރޭޝަނަލް ސަބަބުތަކަކާ ހުރެ، މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އެ އެއާރލައިނުގެ ހުރިހާ ދަތުރެއް ކެންސަލްކޮށްފައިވާ ކަމަށެވެ.
އެ އެއާރލައިނުން މިހެން ބުނެފައިވާ އިރު 2022 ވަނަ އަހަރުގެ ޑިސެންބަރުން މަހުން ފެށިގެން އެ އެއާރލައިނުގެ 50 ޕަސެންޓު ބޯޓު އޮތީ ގްރައުންޑްކޮށްފައިއެވެ. އޭގެ ސަބަބުން އެތެރޭގެ އުދުހުންތަކާއި ބޭރުގެ ގިނަ ދަތުރުތައް ވަނީ ކެންސަލް ކުރަން ޖެހިފައެވެ.
ގޯ ފަސްޓުގެ ފްލީޓުގެ ބޮޑު ބައެއް ހިއްސާކުރާނީ އެއާބަސް އޭ320 ނިއޯ މަރުކާގެ މަތިންދާ ބޯޓެވެ. އަދި މި ބޯޓުތަކުގެ އިންޖީނާއި އެއަށް ބޭނުންވާ ސްޕެއާރ ފޯރުކޮށްދެނީ އެއާބަސް ކުންފުނިންނެވެ.
އެ އެއާލައިނުން ބުނީ ބޯޓުތައް ގްރައުންޑްކުރަން ޖެހުނީ ބޯޓުގެ އިންޖީނު އުފައްދާ ޕްރެޓް އެންޑް ވިޓްނީގެ އިހުމާލުން ކަމަށާއި ޕްރެޓް އެންޑް ވިޓްނީން އިންޖީނު އަދި އިންޖީނު ސްޕެއާ ފޯރުކޮށްނުދިނުމުގެ ސަބަބުން 2019 ވަނަ އަހަރު އެ އެއާރލައިނުގެ 7 ޕަސެންޓު ބޯޓު ގްރައުންޑްކުރަން ޖެހުނު ކަމަށެވެ.
މި ކަމުގެ ސަބަބުން އެ ކުންފުންޏަށް 1.32 ބިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށެވެ.
މިކަމާއި ގުޅިގެން ސިންގަޕޫރުގެ އާބިޓްރޭޝަނުން ޕްރެޓް އެންޑް ވިޓްނީގެ މައްޗަށް ކޮށްފައިވާ، އިންޖީނު ސަޕްލައިކޮށްދިނުމުގެ އަމުރަކަށް އަމަލުކޮށްފައި ނުވާ ކަމަށާއި ގަސްތުގައި ގޯ ފަސްޓަށް ގެއްލުންވާނެހެން އެ ކުންފުނިން އަމަލުކޮށްފައިވާ ކަމަށް ވެސް ގޯ ފަސްޓުން ބުނެފައެވެ.
އެއާރލައިނުގެ ޖުމްލަ ދަރަނި 797 މިލިއަން ޑޮލަރައަށް އަރައެވެ. އަދި އޭޕްރީލް މަހުގެ ނިޔަލަށް އެ ކުންފުނީގެ އެއްވެސް ދަރަންޏެއް ނުދެއްކި ނެތް ކަމަށް ގޯ ފަސްޓުން އާންމުކޮށްފައިވާ މައުލޫމާތުގައި ވެއެވެ.
ނަމަވެސް، އޮޕަރޭޝަންތަކަށް ބޭނުންވާ ކަންކަމަށް ދަރަންޏަށް ތަކެތި ދޭ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ އާއި ބޯޓު ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކަށް ދައްކަން ޖެހޭ 325 މިލިއަން ޑޮލަރު ވަނީ ނުދެއްކިއެވެ.
ގޯ ފަސްޓަކީ އިންޑިޔާގައި 2 ވަނައަށް ބަނގުރޫޓުވި ޕްރައިވެޓް އެއާރލައިނެވެ.
ގޯ އެއާގެ އުދުހުންތައް ރާއްޖެއަށް ފެށީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ނަމަވެސް 2020 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އެ އެއާރލައިނުން ވަނީ ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލާފައެވެ.
Comments