މަތިންދާބޯޓު އުފައްދާ ބޮއިންގް ކުންފުންޏައި އެއާބަސްއަށް ޗެލެންޖުކުރުމަށް ޗައިނާ ކުންފުންޏަކުން ނުކުނީ.

ޗައިނާއިން އުފައްދާފައިވާ ފަސިންޖަރު މަތިންދާބޯޓު ސީ-919 ގެ ކޮމާޝަލް ދަތުރުތައް ކުރުމަށް ރައްކާތެރި ބޯޓެއްކަން ބަޔާންކޮށްދޭ ސެޓްފިކެޓް ސިވިލްއޭވިއޭޝަނާބެހޭ ޗައިނާގެ މައި އިދާރަކަމަށްވާ "ސިވިލްއޭވިއޭޝަން އެޑްމިނިސްޓްރޭޝަން އޮފް ޗައިނާ" އިން ޗައިނާގެ ކުންފުނި ދަ ކޮމާޝަލް އެއާކްރާފްޓް ކޯޕަރޭޝަން އޮފް ޗައިނާ ލިމިޓެޑް (ކޮމަކް)އަށް ދިފިއެވެ.
ސީ-919 މަރުކާގެ މަތިންދާބޯޓު އުފެއްދުމުގެ މަސައްކަތް "ކޮމަކް" އިން ފުރަތަމަ ފަށާފައި ވަނީ 2008 ވަނައަހަރުއެވެ. މި ބޯޓު އުފެއްދުމުގެ މަސައްކަތް ނިންމައި އޭގެ އެންމެ ފުރަތަމަ ޓެސްޓްތައް ބާއްވާފައި ވަނީ 2017 ވަނަ އަހަރު ތެރޭގައެވެ.
"ކޮމަކް" އިން ސީ-919 މަރުކާގެ މަތިންދާބޯޓު އުފައްދާފައި ވަނީ އެމެރިކާގެ ބޮއިންގް ކުންފުނިން އުފައްދާ 737 މަރުކާގެ ފަސިންޖަރު މަތިންދާބޯޓާއި ޔޫރަޕްގެ އެއާބަސް ކުންފުނިން އުފައްދާ 320 ނިއޯ މަރުކާގެ ފަސިންޖަރު މަތިންދާ ބޯޓުތަކާ ވަދަކުރެވޭ ފެންވަރުގައެވެ.
ސީ-919 މަރުކާގެ މަތިންދާބޯޓު 91 މިލިއަން ޑޮލަރަށް ވިއްކުމަށް ނިންމާފައިވާ އިރު އެއަގަކީ އެމެރިކާގެ ބޮއިންގް ކުންފުނިން އުފައްދާ 373 މަރުކާގެ މަތިންދާބޯޓާއި އެއާބަސް ކުންފުނީގެ 320 ނިއޯ މަރުކާގެ މަތިންދާބޯޓް ވިއްކާ އަގާއި ދާދީ އެއްވަރުގެ އަގެކެވެ.
މި އަހަރު ނިމުމުގެ ކުރިން ސީ-919 މަރުކާގެ މަތިންދާބޯޓުގެ ފުރަތަ ބޯޓު ޗައިނާ އީސްޓަން އެއާރލައިނާއި ހަވާލުކުރެވޭ ވަރުވާނެ ކަމަށް "ކޮމަކް" އިން ބުނެއެވެ.
Comments